بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ
رحمن ވަންތަ رحيم ވަންތަ اللَّه ގެ اسم ފުޅުން ފަށައިގަންނަމެވެ.
صٓ ۚ وَٱلْقُرْءَانِ ذِى ٱلذِّكْرِ
ص (މިއަކުރުގެ مراد ދެނެވޮޑިގެންވަނީ اللَّه އެވެ.) ހަނދާންކޮށްދިނުމުގެ ވެރި قرآن ގަންދެއްވައި وحى ކުރައްވަމެވެ. (ހަމަކަށަވަރުން، އެއީ حق ތެދެވެ.)
بَلِ ٱلَّذِينَ كَفَرُوا۟ فِى عِزَّةٍۢ وَشِقَاقٍۢ
އަދި ކިއެއްތަ! كافر ވި މީހުންވަނީ ބޮޑާކަމާއި، ދެކޮޅުވެރިކަމެއްގައެވެ.
كَمْ أَهْلَكْنَا مِن قَبْلِهِم مِّن قَرْنٍۢ فَنَادَوا۟ وَّلَاتَ حِينَ مَنَاصٍۢ
އެއުރެންގެކުރިން ތިމަންރަސްކަލާނގެ ކިތައްކިތައް أمّة ހަލާކުކުރެއްވިން ހެއްޔެވެ؟ ފަހެ (އެއުރެންނަށް عذاب އައިހިނދު) އެހީއަށްއެދި އެއުރެން ގޮވޫއެވެ. (އެހެނެއްކަމަކު) އެ وقت އަކީ، ސަލާމަތްވާންދާނެ ތަނެއްއޮތް وقت އެއްނޫނެވެ.
وَعَجِبُوٓا۟ أَن جَآءَهُم مُّنذِرٌۭ مِّنْهُمْ ۖ وَقَالَ ٱلْكَٰفِرُونَ هَٰذَا سَٰحِرٌۭ كَذَّابٌ
އަދި އެއުރެންގެ ތެރެއިން إنذار ކުރައްވާ ބޭކަލަކު، އެއުރެންގެ ގާތަށް ވަޑައިގަތުމުން، އެކަމާ އެއުރެން عجائب ވޫއެވެ. އަދި އެ كافر ވިމީހުން ބުނޫއެވެ. މިއީ ބޮޑު ދޮގުވެރި ޖާދޫގަރެކެވެ.
أَجَعَلَ ٱلْءَالِهَةَ إِلَٰهًۭا وَٰحِدًا ۖ إِنَّ هَٰذَا لَشَىْءٌ عُجَابٌۭ
އެކަލޭގެފާނު ހުރިހާ إله ން އެއް إله އަކަށް ހެއްދެވީހެއްޔެވެ؟ ހަމަކަށަވަރުން، މިއީ ނުހަނު عجائب ވާފަދަ ކަމެއްކަން ކަށަވަރެވެ.
وَٱنطَلَقَ ٱلْمَلَأُ مِنْهُمْ أَنِ ٱمْشُوا۟ وَٱصْبِرُوا۟ عَلَىٰٓ ءَالِهَتِكُمْ ۖ إِنَّ هَٰذَا لَشَىْءٌۭ يُرَادُ
އަދި އެއުރެންގެ (އެބަހީ: مكة ގެ كافر ންގެ) ބޮޑުން (އެ مجلس ން ވަކިވެ) ހިނގައިގެންފައި ބުނޫއެވެ. ހިނގާށެވެ! އަދި ތިޔަބައިމީހުންގެ إله ންނަށް އަޅުކަން ކުރުންމަތީ ކެތްކޮށްގެން ތިބޭށެވެ! ހަމަކަށަވަރުން، މިއީ (ތިމަންމެންނާމެދު) ރޭވި ގަސްދުކުރެވޭ ކަމެއްކަން ކަށަވަރެވެ.
مَا سَمِعْنَا بِهَٰذَا فِى ٱلْمِلَّةِ ٱلْءَاخِرَةِ إِنْ هَٰذَآ إِلَّا ٱخْتِلَٰقٌ
އެންމެފަހު ملّة ގައިވެސް (އެބަހީ: عيسى ގެފާނުގެ ملّة ގައިވެސް) މިކަހަލަ ވާހަކައެއް ތިމަންމެން ނާހަމުއެވެ. މިއީ ހަދައިގެންއުޅޭ ދޮގެއް ކަމުގައިނޫނީ ނުވެތެވެ.
أَءُنزِلَ عَلَيْهِ ٱلذِّكْرُ مِنۢ بَيْنِنَا ۚ بَلْ هُمْ فِى شَكٍّۢ مِّن ذِكْرِى ۖ بَل لَّمَّا يَذُوقُوا۟ عَذَابِ
قرآن ބާވައިލެއްވީ އަހުރެމެންގެ ތެރެއިން އެކަލޭގެފާނުގެ މައްޗަށްހެއްޔެވެ؟ އަދި ކިއެއްތަ! އެއުރެންވަނީ، ތިމަންރަސްކަލާނގެ قرآن އާމެދު شك އެއްގައެވެ. އަދި ކިއެއްތަ! އެއުރެންނަށް، ތިމަންރަސްކަލާނގެ عذاب ގެ ރަހަ އަދި ނުލިބެނީއެވެ.
أَمْ عِندَهُمْ خَزَآئِنُ رَحْمَةِ رَبِّكَ ٱلْعَزِيزِ ٱلْوَهَّابِ
ނުވަތަ ކަލޭގެފާނުގެވެރި، ގަދަފަދަވަންތަ، ގިނަގުނަ نعمة ތައް ދެއްވާ ރަސްކަލާނގެ رحمة ގެ خزانة ތައް ވަނީ، އެއުރެންގެ ގާތުގައި ހެއްޔެވެ؟
أَمْ لَهُم مُّلْكُ ٱلسَّمَٰوَٰتِ وَٱلْأَرْضِ وَمَا بَيْنَهُمَا ۖ فَلْيَرْتَقُوا۟ فِى ٱلْأَسْبَٰبِ
ނުވަތަ އުޑުތަކާއި، ބިމާއި، އެދެމެދުގައި ވާހާތަކެތީގެ ملك ވެރިކަންވަނީ، އެއުރެންނަށް ހެއްޔެވެ؟ އެހެންވިއްޔާ ހަރުގަނޑަކުން އުޑަށް އަރައިބަލާށެވެ!
جُندٌۭ مَّا هُنَالِكَ مَهْزُومٌۭ مِّنَ ٱلْأَحْزَابِ
އެއުރެންނީ އެތާނގައި (އެބަހީ: بدر ގައި) ބަލިވާނެ جماعة ގެ ތެރެއިން ހިމެނޭ (ނިކަމެތި) لشكر އެކެވެ.
كَذَّبَتْ قَبْلَهُمْ قَوْمُ نُوحٍۢ وَعَادٌۭ وَفِرْعَوْنُ ذُو ٱلْأَوْتَادِ
އެއުރެންގެކުރިން نوح ގެފާނުގެ قوم ގެމީހުންނާއި، عاد ބާގައިމީހުންނާއި، ކަޑަތަކުގެވެރި فرعون އާއި، ثمود ބާގައިމީހުންނާއި، لوط ގެފާނުގެ قوم ގެމީހުންނާއި، الأيكة ގެ އެކުވެރިން رسول ން ދޮގުކުރޫއެވެ. އެ جماعة ތަކަކީ އެއީއެވެ.
وَثَمُودُ وَقَوْمُ لُوطٍۢ وَأَصْحَٰبُ لْـَٔيْكَةِ ۚ أُو۟لَٰٓئِكَ ٱلْأَحْزَابُ
އެއުރެންގެކުރިން نوح ގެފާނުގެ قوم ގެމީހުންނާއި، عاد ބާގައިމީހުންނާއި، ކަޑަތަކުގެވެރި فرعون އާއި، ثمود ބާގައިމީހުންނާއި، لوط ގެފާނުގެ قوم ގެމީހުންނާއި، الأيكة ގެ އެކުވެރިން رسول ން ދޮގުކުރޫއެވެ. އެ جماعة ތަކަކީ އެއީއެވެ.
إِن كُلٌّ إِلَّا كَذَّبَ ٱلرُّسُلَ فَحَقَّ عِقَابِ
އެއިން ކޮންމެބަޔަކުމެ، رسول ން ދޮގުކުރިބަޔަކު ކަމުގައި މެނުވީ ނުވެތެވެ. ފަހެ (އެއުރެންނަށް) ތިމަންރަސްކަލާނގެ عذاب حق ވެއްޖެއެވެ.
وَمَا يَنظُرُ هَٰٓؤُلَآءِ إِلَّا صَيْحَةًۭ وَٰحِدَةًۭ مَّا لَهَا مِن فَوَاقٍۢ
އަދި އެއުރެން ބިރުވެރި އެންމެ އަޑަކަށްމެނުވީ انتظار އެއް ނުކުރެތެވެ. އެ އަޑު ތަކުރާރުވުމެއްނެތެވެ.
وَقَالُوا۟ رَبَّنَا عَجِّل لَّنَا قِطَّنَا قَبْلَ يَوْمِ ٱلْحِسَابِ
އެއުރެން ބުނާނެތެވެ. އަޅަމެންގެވެރިރަސްކަލާކޮ! حساب ބައްލަވާދުވަހުގެ ކުރިން، އަޅަމެންގެ عمل ތަކުގެ ފަތް، އަޅަމެންނަށް އަވަހަށް ދެއްވާނދޭވެ!
ٱصْبِرْ عَلَىٰ مَا يَقُولُونَ وَٱذْكُرْ عَبْدَنَا دَاوُۥدَ ذَا ٱلْأَيْدِ ۖ إِنَّهُۥٓ أَوَّابٌ
އެއުރެން އެބުނާ ބަސްތަކަށް ކަލޭގެފާނު ކެތްކުރައްވާށެވެ! އަދި ތިމަންރަސްކަލާނގެ އަޅު، داود ގެފާނު ހަނދުމަކުރައްވާށެވެ! އެކަލޭގެފާނީ، ބާރުގަދަ ބޭކަލެކެވެ. ހަމަކަށަވަރުން، އެކަލޭގެފާނީ ގިނަގިނައިން توبة ވެވަޑައިގަންނަވާ ބޭކަލެކެވެ.
إِنَّا سَخَّرْنَا ٱلْجِبَالَ مَعَهُۥ يُسَبِّحْنَ بِٱلْعَشِىِّ وَٱلْإِشْرَاقِ
ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެކަލޭގެފާނަށް ފަރުބަދަތައް خدمة ތެރި ކުރެއްވީމެވެ. އެތަކެތި، އެކަލޭގެފާނުގެ އަރިހުގައި ހަވީރާއި، ހެނދުނުގައި تسبيح ދަންނަވަތެވެ.
وَٱلطَّيْرَ مَحْشُورَةًۭ ۖ كُلٌّۭ لَّهُۥٓ أَوَّابٌۭ
އަދި ދޫނިސޫފާސޫފި ޖަމާކުރައްވާފައިވާ حال، ތިމަންރަސްކަލާނގެ އެކަލޭގެފާނަށް خدمة ތެރި ކުރެއްވީމެވެ. އެހުރިހާ ތަކެތިވަނީ، އެކަލޭގެފާނަށް تبع ވެ، ކިޔަމަންވެގެންނެވެ.
وَشَدَدْنَا مُلْكَهُۥ وَءَاتَيْنَٰهُ ٱلْحِكْمَةَ وَفَصْلَ ٱلْخِطَابِ
އަދި ތިމަންރަސްކަލާނގެ އެކަލޭގެފާނުގެ ރަސްކަން ގަދަފަދަކޮށްދެއްވީމެވެ. އަދި ނަބީކަމާއި، އޮޅުމެއްނެތް ބަޔާންވެގެންވާ ވާހަކަފުޅުދެއްކެވުން ތިމަންރަސްކަލާނގެ އެކަލޭގެފާނަށް ދެއްވީމެވެ.
۞ وَهَلْ أَتَىٰكَ نَبَؤُا۟ ٱلْخَصْمِ إِذْ تَسَوَّرُوا۟ ٱلْمِحْرَابَ
(داود ގެފާނު އަޅުކަން ކުރައްވަން އިންނަވާ) محراب ގެ ފާރުމަތިންއެރި خصم ންގެ خبر، ކަލޭގެފާނާ ހަމަޔަށް އައިސްފައިވޭތޯއެވެ؟
إِذْ دَخَلُوا۟ عَلَىٰ دَاوُۥدَ فَفَزِعَ مِنْهُمْ ۖ قَالُوا۟ لَا تَخَفْ ۖ خَصْمَانِ بَغَىٰ بَعْضُنَا عَلَىٰ بَعْضٍۢ فَٱحْكُم بَيْنَنَا بِٱلْحَقِّ وَلَا تُشْطِطْ وَٱهْدِنَآ إِلَىٰ سَوَآءِ ٱلصِّرَٰطِ
އެއުރެން، داود ގެފާނު އިންނެވިތަނަށް ވަންހިނދު، އެކަލޭގެފާނު އެއުރެންދެކެ ސިހިވަޑައިގެންނެވިއެވެ. އެއުރެން ދެންނެވޫއެވެ. ބިރުފުޅުގެން ވަޑައިނުގަންނަވާށެވެ! ތިމަންމެންނީ ދެ خصم ންނެވެ. ތިމަންމެންގެ އެކަކު އަނެކަކަށް އަނިޔާކޮށްފިއެވެ. ފަހެ، ކަލޭގެފާނު حق ގޮތުގައި ތިމަންމެންގެ މެދުގައި حكم ކޮށްދެއްވާށެވެ! އަދި ކަލޭގެފާނު عدل ން އެއްކިބާވެވަޑައިނުގަންނަވާށެވެ! އަދި ތިމަންމެންނަށް ސީދާވެގެންވާ ތެދުމަގަށް މަގު ދައްކަވާށެވެ!
إِنَّ هَٰذَآ أَخِى لَهُۥ تِسْعٌۭ وَتِسْعُونَ نَعْجَةًۭ وَلِىَ نَعْجَةٌۭ وَٰحِدَةٌۭ فَقَالَ أَكْفِلْنِيهَا وَعَزَّنِى فِى ٱلْخِطَابِ
ހަމަކަށަވަރުން، މިއީ އަޅުގަނޑުގެ أخ އެކެވެ. އޭނާއަށް ނުވަދިހަނުވަ ބަކަރިވެއެވެ. އަދި އަޅުގަނޑަށްވަނީ އެންމެ ބަކަރިއެކެވެ. ފަހެ، އޭނާ ބުންޏެވެ. (އެ ބަކަރިވެސް ތިމަންނާއަށް ދީ) އެ ބަލަހައްޓާ މީހަކީ ތިމަންނާކަމުގައި ހަދާށެވެ! އަދި ވާހަކަ ދައްކައިގެން އޭނާ އަޅުގަނޑުގެ މައްޗަށް ގަދަވެއްޖެއެވެ.
قَالَ لَقَدْ ظَلَمَكَ بِسُؤَالِ نَعْجَتِكَ إِلَىٰ نِعَاجِهِۦ ۖ وَإِنَّ كَثِيرًۭا مِّنَ ٱلْخُلَطَآءِ لَيَبْغِى بَعْضُهُمْ عَلَىٰ بَعْضٍ إِلَّا ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّٰلِحَٰتِ وَقَلِيلٌۭ مَّا هُمْ ۗ وَظَنَّ دَاوُۥدُ أَنَّمَا فَتَنَّٰهُ فَٱسْتَغْفَرَ رَبَّهُۥ وَخَرَّ رَاكِعًۭا وَأَنَابَ ۩
އެކަލޭގެފާނު ވިދާޅުވިއެވެ. ތިބާގެ ބަކަރި، އޭނާގެ ބަކަރިތަކުގެ ތެރެއަށް އިތުރުކުރުމަށް އެދުމުން، އޭނާ ތިބާޔަށް އަނިޔާކޮށްފިކަން ކަށަވަރެވެ. (މުދާ އެއްކޮށްލައިގެންއުޅޭ) ބައިވެރިންގެ ގިނަމީހުން، ހަމަކަށަވަރުން، އެއްބަޔަކު އަނެއްބަޔަކަށް އަނިޔާކުރެތެވެ. إيمان ވެ، صالح عمل ތައްކުޅަ މީހުން މެނުވީއެވެ. އެއުރެންނީ ވަރަށްމަދު ބަޔެކެވެ. އަދި داود ގެފާނަށް ތިމަންރަސްކަލާނގެ އެކަލޭގެފާނު امتحان ކުރެއްވީކަން އެނގިވަޑައިގެންފިއެވެ. ފަހެ، އެކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة އަށް ފާފަފުއްސެވުންއެދި ދެންނެވިއެވެ. އަދި سجدة އަށް ތިރިވެވަޑައިގެން توبة ވެވަޑައިގަތެވެ.
فَغَفَرْنَا لَهُۥ ذَٰلِكَ ۖ وَإِنَّ لَهُۥ عِندَنَا لَزُلْفَىٰ وَحُسْنَ مَـَٔابٍۢ
ދެން ތިމަންރަސްކަލާނގެ އެކަލޭގެފާނަށް އެ ފާފަފުއްސެވީމެވެ. އަދި ހަމަކަށަވަރުން، އެކަލޭގެފާނަށް، ތިމަންރަސްކަލާނގެ حضرة ގައި ކުއްތަންވުމާއި، އެނބުރިދަނިވި ރިވެތިވެގެންވާ ތަނެއްވެއެވެ.
يَٰدَاوُۥدُ إِنَّا جَعَلْنَٰكَ خَلِيفَةًۭ فِى ٱلْأَرْضِ فَٱحْكُم بَيْنَ ٱلنَّاسِ بِٱلْحَقِّ وَلَا تَتَّبِعِ ٱلْهَوَىٰ فَيُضِلَّكَ عَن سَبِيلِ ٱللَّهِ ۚ إِنَّ ٱلَّذِينَ يَضِلُّونَ عَن سَبِيلِ ٱللَّهِ لَهُمْ عَذَابٌۭ شَدِيدٌۢ بِمَا نَسُوا۟ يَوْمَ ٱلْحِسَابِ
އޭ داود ގެފާނެވެ! ހަމަކަށަވަރުން، ބިމުގައި خليفة އެއްކަމުގައި ތިމަންރަސްކަލާނގެ ކަލޭގެފާނު ލެއްވީމެވެ. ފަހެ، ކަލޭގެފާނު މީސްތަކުންގެ މެދުގައި حق ގޮތުގައި حكم ކުރައްވާށެވެ! އަދި އަމިއްލައެދުމަށް ކަލޭގެފާނު تبع ވެވަޑައިނުގަންނަވާށެވެ! ފަހެ، އޭރުން ކަލޭގެފާނު اللَّه ގެ މަގުން އެއްކިބާކޮށްފާނެތެވެ. ހަމަކަށަވަރުން، اللَّه ގެ މަގުން އެއްކިބާވާމީހުން (ދަންނާށެވެ!) حساب ބައްލަވާ ދުވަސް ހަނދާންނައްތައިލުމުގެ ސަބަބުން އެއުރެންނަށް ގަދަވެގެންވާ عذاب ހުށްޓެވެ.
وَمَا خَلَقْنَا ٱلسَّمَآءَ وَٱلْأَرْضَ وَمَا بَيْنَهُمَا بَٰطِلًۭا ۚ ذَٰلِكَ ظَنُّ ٱلَّذِينَ كَفَرُوا۟ ۚ فَوَيْلٌۭ لِّلَّذِينَ كَفَرُوا۟ مِنَ ٱلنَّارِ
ތިމަންރަސްކަލާނގެ އުޑާއި، ބިމާއި، އެދެމެދުގައިވާހާ ތަކެތި باطل ގޮތެއްގައި ނަހައްދަވަމެވެ. އެއީ كافر ވި މީހުން ހީކުރާގޮތެވެ. ފަހެ، كافر ވި މީހުންނަށް، ނަރަކައިގެ عذاب ން ހަލާކުހުށްޓެވެ.
أَمْ نَجْعَلُ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّٰلِحَٰتِ كَٱلْمُفْسِدِينَ فِى ٱلْأَرْضِ أَمْ نَجْعَلُ ٱلْمُتَّقِينَ كَٱلْفُجَّارِ
ނުވަތަ ބިމުގައި ފަސާދައުފައްދާ މީހުންނެކޭ އެއްފަދައިން، ތިމަންރަސްކަލާނގެ، إيمان ވެ صالح عمل ތައް ކުޅަމީހުން ލައްވާނެހެއްޔެވެ؟ ނުވަތަ كافر ވި މީހުންނެކޭ އެއްފަދައިން، ތިމަންރަސްކަލާނގެ تقوى ވެރިން ލައްވާނެހެއްޔެވެ؟
كِتَٰبٌ أَنزَلْنَٰهُ إِلَيْكَ مُبَٰرَكٌۭ لِّيَدَّبَّرُوٓا۟ ءَايَٰتِهِۦ وَلِيَتَذَكَّرَ أُو۟لُوا۟ ٱلْأَلْبَٰبِ
(މިއީ) ކަލޭގެފާނަށް ތިމަންރަސްކަލާނގެ ބާވައިލެއްވި بركات ތެރި ފޮތެކެވެ. (އެއީ) އެއުރެން އެ ފޮތުގެ آية ތަކުގެ މާނަތަކާމެދު ވިސްނައި ފިކުރުކުރުމަށެވެ. އަދި ބުއްދީގެ أهل ވެރިން (އެއިން) نصيحة ލިބިގަތުމަށެވެ.
وَوَهَبْنَا لِدَاوُۥدَ سُلَيْمَٰنَ ۚ نِعْمَ ٱلْعَبْدُ ۖ إِنَّهُۥٓ أَوَّابٌ
ތިމަންރަސްކަލާނގެ داود ގެފާނަށް سليمان ގެފާނު ދެއްވީމެވެ. އެއަޅާގެ ރަނގަޅުކަމާއެވެ! ހަމަކަށަވަރުން، އެކަލޭގެފާނީ، ގިނަގިނައިން توبة ވެވަޑައިގަންނަވާ ބޭކަލެކެވެ.
إِذْ عُرِضَ عَلَيْهِ بِٱلْعَشِىِّ ٱلصَّٰفِنَٰتُ ٱلْجِيَادُ
(އެއްދުވަހެއްގެ) ހަވީރުކޮޅުގައި އެކަލޭގެފާނު (އެބަހީ: سليمان ގެފާނު) ބެއްލެވުމަށް، ދުވާއިރު ހަލުވި، ހުއްޓި ތިބޭއިރު ހަމަހިމޭން އަސްތައް ހުށަހެޅުނުހިނދު ހަނދުމަކުރާށެވެ!
فَقَالَ إِنِّىٓ أَحْبَبْتُ حُبَّ ٱلْخَيْرِ عَن ذِكْرِ رَبِّى حَتَّىٰ تَوَارَتْ بِٱلْحِجَابِ
ފަހެ، އެކަލޭގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން، އަހުރެންގެ ވެރިރަސްކަލާނގެ ހަނދުމަކޮށް ذِكر ކުރުން ފިޔަވައި، އިރު ފަރުދާވެ ނިވައިވެއްޖައުމަށްދާނދެން އަހަށް ލޯބިކުރުން، އަހުރެންނަށް އިސްކުރެވިއްޖެއެވެ.
رُدُّوهَا عَلَىَّ ۖ فَطَفِقَ مَسْحًۢا بِٱلسُّوقِ وَٱلْأَعْنَاقِ
އެ އަސްތައް އަހުރެންގެ ކައިރިޔަށް އަނބުރައި ގެންނާށެވެ! ދެން އެތަކެތީގެ ކަނދުރާގައި (ކަނޑިން) ޖައްސަވައި (ކަތިލައްވައި) ފައިތައް ބުރިކުރެއްވިއެވެ. (އަދި އެތަކެތިން صدقات ކުރެއްވިއެވެ.)
وَلَقَدْ فَتَنَّا سُلَيْمَٰنَ وَأَلْقَيْنَا عَلَىٰ كُرْسِيِّهِۦ جَسَدًۭا ثُمَّ أَنَابَ
ހަމަކަށަވަރުން، ތިމަންރަސްކަލާނގެ سليمان ގެފާނު امتحان ކުރެއްވީމެވެ. އަދި އެކަލޭގެފާނުގެ تخت ގެ މައްޗަށް ހަށިގަނޑެއް އެއްލެވީމެވެ. ދެން އެކަލޭގެފާނު (توبة ވެވަޑައިގެން) އެނބުރި رجوع ވެވަޑައިގަތެވެ.
قَالَ رَبِّ ٱغْفِرْ لِى وَهَبْ لِى مُلْكًۭا لَّا يَنۢبَغِى لِأَحَدٍۢ مِّنۢ بَعْدِىٓ ۖ إِنَّكَ أَنتَ ٱلْوَهَّابُ
އެކަލޭގެފާނު ވިދާޅުވިއެވެ. އަޅުގެވެރިރަސްކަލާކޮ! މިއަޅާޔަށް ފާފަފުއްސަވާނދޭވެ! އަދި މިއަޅާގެ ފަހުން އެކަކަށްވެސް އެކަށީގެންނުވާފަދަ ރަސްކަމެއް މިއަޅާޔަށް ދެއްވާނދޭވެ! ހަމަކަށަވަރުން، އިބަރަސްކަލާނގެއީ، ގިނަގުނަ نعمة ތައް ދެއްވާ ރަސްކަލާނގެއެވެ.
فَسَخَّرْنَا لَهُ ٱلرِّيحَ تَجْرِى بِأَمْرِهِۦ رُخَآءً حَيْثُ أَصَابَ
ފަހެ، ތިމަންރަސްކަލާނގެ އެކަލޭގެފާނަށް ވައި خدمة ތެރިކޮށްދެއްވީމެވެ. އެކަލޭގެފާނުގެ أمر ފުޅަށް، އެކަލޭގެފާނު އެދިވަޑައިގަތް ކޮންމެތަނަކަށް މައިތިރިކަމާއެކު، އެވައި ހިނގައިދެއެވެ.
وَٱلشَّيَٰطِينَ كُلَّ بَنَّآءٍۢ وَغَوَّاصٍۢ
އަދި ޖިންނި شيطان ން، އެކަލޭގެފާނަށް خدمة ތެރިކޮށް ދެއްވީމެވެ. އޭގެތެރޭގައި (ބޮޑެތި) ބިނާތައްހަދާ ބަޔަކާއި (ކަނޑުގެ އަޑިޔަށް) ފީނާބަޔަކުވެއެވެ.
وَءَاخَرِينَ مُقَرَّنِينَ فِى ٱلْأَصْفَادِ
އަދި (އޭގެތެރެއިން) އަނެއްބަޔަކު ކަސްތަޅު އަޅުއްވައި ހައްޔަރުކުރައްވާފައިވެއެވެ.
هَٰذَا عَطَآؤُنَا فَٱمْنُنْ أَوْ أَمْسِكْ بِغَيْرِ حِسَابٍۢ
މިއީ ތިމަންރަސްކަލާނގެ ދެއްވިހާ ތަކެއްޗެވެ. ފަހެ، ކަލޭގެފާނު (ދެއްވާނެ މީހަކަށް) ދެއްވާށެވެ! ނުވަތަ (ނުދެއްވާނެ މީހަކަށް ނުދެއްވައި) ހިފަހައްޓަވާށެވެ! (އެކަމާމެދު) ކަލޭގެފާނާ سؤال އެއް ނުކުރައްވާނެތެވެ.
وَإِنَّ لَهُۥ عِندَنَا لَزُلْفَىٰ وَحُسْنَ مَـَٔابٍۢ
އަދި ހަމަކަށަވަރުން، އެކަލޭގެފާނަށް ތިމަންރަސްކަލާނގެ حضرة ގައި ކުއްތަންވުމާއި، އެނބުރިދަނިވި ރިވެތިވެގެންވާ ތަނެއްވެއެވެ.
وَٱذْكُرْ عَبْدَنَآ أَيُّوبَ إِذْ نَادَىٰ رَبَّهُۥٓ أَنِّى مَسَّنِىَ ٱلشَّيْطَٰنُ بِنُصْبٍۢ وَعَذَابٍ
ތިމަންރަސްކަލާނގެ އަޅު أيّوب ގެފާނު ހަނދުމަކުރައްވާށެވެ! (އެއީ) އެކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة އަށް دعاء ދެންނެވި ހިނދުގައެވެ. (އެކަލޭގެފާނު ދެންނެވިއެވެ.) އަޅުގެ ގައިގައި شيطان އާ ބީހި، އެކަލޭގެ ފަރާތުން އަޅާއަށް ވަރުބަލިކަމާއި ވޭން ލިބިއްޖެއެވެ.
ٱرْكُضْ بِرِجْلِكَ ۖ هَٰذَا مُغْتَسَلٌۢ بَارِدٌۭ وَشَرَابٌۭ
(އެކަލޭގެފާނަށް އެންގެވިއެވެ.) ކަލޭގެފާނުގެ ފައިންޕުޅުން (ބިމުގައި) ޖައްސަވާށެވެ! (ދެން އެތަނުން ފެންއާރެއް ނުކުތުމުން އެންގެވިއެވެ.) މިއީ ކަލޭގެފާނު ނާނެފިއްލެވުމަށާއި، ހިއްޕެވުމަށްވާ ފިނި (ހިހޫ) ފެނެވެ.
وَوَهَبْنَا لَهُۥٓ أَهْلَهُۥ وَمِثْلَهُم مَّعَهُمْ رَحْمَةًۭ مِّنَّا وَذِكْرَىٰ لِأُو۟لِى ٱلْأَلْبَٰبِ
އަދި ތިމަންރަސްކަލާނގެ އެކަލޭގެފާނަށް އެކަލޭގެފާނުގެ أهل ވެރިންދެއްވައި، އެއުރެންނާއެކު ހަމައެފަދަ ބަޔަކު ދެއްވީމެވެ. (އެއީ) ތިމަންރަސްކަލާނގެ حضرة ން ލެއްވި رحمة އެއް ކަމުގައްޔާއި، ބުއްދީގެ أهل ވެރިންނަށްވާ عبرة އަކާއި، نصيحة އެއް ކަމުގައެވެ.
وَخُذْ بِيَدِكَ ضِغْثًۭا فَٱضْرِب بِّهِۦ وَلَا تَحْنَثْ ۗ إِنَّا وَجَدْنَٰهُ صَابِرًۭا ۚ نِّعْمَ ٱلْعَبْدُ ۖ إِنَّهُۥٓ أَوَّابٌۭ
އަދި ކަލޭގެފާނުގެ އަތްޕުޅުން ހުއިބޮނޑިއެއް ނަންގަވައި، އެއިން (އަނބިކަނބަލުންގެ ގައިކޮޅުގައި) ޖައްސަވާށެވެ! ކަލޭގެފާނު ހުވަޔާ خلاف ވެވަޑައިނުގަންނަވާށެވެ! ހަމަކަށަވަރުން، އެކަލޭގެފާނީ ކެތްތެރިޔަކު ކަމުގައި ތިމަންރަސްކަލާނގެ ދެކެވޮޑިގެންވީމެވެ. އެއަޅާގެ ރަނގަޅުކަމާއެވެ! ހަމަކަށަވަރުން، އެކަލޭގެފާނީ، ގިނަގިނައިން توبة ވެވަޑައިގަންނަވާ ބޭކަލެކެވެ.
وَٱذْكُرْ عِبَٰدَنَآ إِبْرَٰهِيمَ وَإِسْحَٰقَ وَيَعْقُوبَ أُو۟لِى ٱلْأَيْدِى وَٱلْأَبْصَٰرِ
އަދި ތިމަންރަސްކަލާނގެ އަޅުން ކަމުގައިވާ إبراهيم ގެފާނާއި، إسحاق ގެފާނާއި، يعقوب ގެފާނު ހަނދުމަކުރައްވާށެވެ! (އެބޭކަލުންނީ) ހެޔޮ عمل ކުރެއްވުމަށް ބާރުގަދަ، ބުއްދީގެ أهل ވެރިންނެވެ.
إِنَّآ أَخْلَصْنَٰهُم بِخَالِصَةٍۢ ذِكْرَى ٱلدَّارِ
ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެބޭކަލުން ސާފު خصيلة އަކުން މާތްކުރައްވައި، خيار ކުރެއްވީމެވެ. އެއީ آخرة ހަނދުމަކުރެއްވުމެވެ.
وَإِنَّهُمْ عِندَنَا لَمِنَ ٱلْمُصْطَفَيْنَ ٱلْأَخْيَارِ
އަދި ހަމަކަށަވަރުން، އެބޭކަލުންވަނީ، ތިމަންރަސްކަލާނގެ حضرة ގައި خيار ކުރައްވާފައިވާ ހެޔޮލަފާ ބޭކަލުންގެ ތެރެއިންނެވެ.
وَٱذْكُرْ إِسْمَٰعِيلَ وَٱلْيَسَعَ وَذَا ٱلْكِفْلِ ۖ وَكُلٌّۭ مِّنَ ٱلْأَخْيَارِ
އަދ إسماعيل ގެފާނާއި، اليسع ގެފާނާއި، ذوالكفل ގެފާނު ހަނދުމަކުރައްވާށެވެ! އެހުރިހާ ބޭކަލުންވަނީ ހެޔޮލަފާމީހުންގެ ތެރެއިންނެވެ.
هَٰذَا ذِكْرٌۭ ۚ وَإِنَّ لِلْمُتَّقِينَ لَحُسْنَ مَـَٔابٍۢ
މިއީ (އެބޭކަލުންނަށްވާ) ރިވެތި ހަނދާން ކުރުމަކާއި، شرف އެކެވެ. އަދި ހަމަކަށަވަރުން، تقوى ވެރިންނަށް އެނބުރިދަނިވި ރިވެތިވެގެންވާ ތަނެއްވެއެވެ.
جَنَّٰتِ عَدْنٍۢ مُّفَتَّحَةًۭ لَّهُمُ ٱلْأَبْوَٰبُ
(އެއީ) އެތާނގެ ދޮރުތައް އެއުރެންނަށްޓަކައި ހުޅުވިފައިވާ عدن އެވެ ކިއުނު ސުވަރުގެތަކެވެ.
مُتَّكِـِٔينَ فِيهَا يَدْعُونَ فِيهَا بِفَٰكِهَةٍۢ كَثِيرَةٍۢ وَشَرَابٍۢ
އެއުރެން އެތާނގައި (އެނދު އެނދުގައި) ލެނގިލައިގެން ތިބޭނެތެވެ. އެއުރެން އެތާނގައި ގިނަބާވަތް ބާވަތުގެ މޭވާތަކާއި، ބުއިންތައް ގެންނަން އެދޭނެތެވެ.
۞ وَعِندَهُمْ قَٰصِرَٰتُ ٱلطَّرْفِ أَتْرَابٌ
އަދި އެއުރެންނަށް އެއްފުރާގެ އަނބިންތައްވެއެވެ. އެ އަނބިން، ފިރިން ނޫން އެހެންބަޔަކަށް ނުބަލާނެތެވެ.
هَٰذَا مَا تُوعَدُونَ لِيَوْمِ ٱلْحِسَابِ
މިއީ حساب ބައްލަވާދުވަހަށް ތިޔަބައިމީހުންނަށް وعد ކުރައްވާ ކަންތަކެވެ.
إِنَّ هَٰذَا لَرِزْقُنَا مَا لَهُۥ مِن نَّفَادٍ
ހަމަކަށަވަރުން، މިއީ ތިމަންރަސްކަލާނގެ ދެއްވާތަކެތިކަން ކަށަވަރެވެ. އެތަކެއްޗަށް ހުސްވުމެއްނުވެއެވެ.
هَٰذَا ۚ وَإِنَّ لِلطَّٰغِينَ لَشَرَّ مَـَٔابٍۢ
ކަންހުރިގޮތީ މިއީއެވެ. އަދި ހަމަކަށަވަރުން، كافر ވި މީހުންނަށް އެނބުރިދަނިވި ނުބައިކަންބޮޑުވެގެންވާ ތަނެއްވެއެވެ.
جَهَنَّمَ يَصْلَوْنَهَا فَبِئْسَ ٱلْمِهَادُ
(އެއީ) جهنم އެވެ. އެއުރެން އެތަނަށްވަންނަ ހުށްޓެވެ. ފަހެ، އެ ތަންމަތީގެ ހުރި ނުބައިކަމާއެވެ!
هَٰذَا فَلْيَذُوقُوهُ حَمِيمٌۭ وَغَسَّاقٌۭ
މިއީ عذاب އެވެ. ފަހެ، އެއުރެން އޭގެ ރަހަ ލިބިގަންނަހުށިކަމެވެ! (އެއީ) ކެކިކެކިހުރި ހޫނުފެނާއި، ފާދިޔައެވެ.
وَءَاخَرُ مِن شَكْلِهِۦٓ أَزْوَٰجٌ
އަދި އެފަދަ އެތައްބާވަތެއްގެ އެހެނިހެން عذاب އެއުރެންނަށް ހުށްޓެވެ.
هَٰذَا فَوْجٌۭ مُّقْتَحِمٌۭ مَّعَكُمْ ۖ لَا مَرْحَبًۢا بِهِمْ ۚ إِنَّهُمْ صَالُوا۟ ٱلنَّارِ
(އެއުރެންގެ ބޮޑުންނަށް އަންގަވާނެތެވެ.) މިއީ، ތިޔަބައިމީހުންނާއެކު ނަރަޔަކަށްވަންނަ ބައިގަނޑެކެވެ. އެއުރެންނަށް ތަނަވަސްކަމެއްނެތެވެ. ހަމަކަށަވަރުން، އެއުރެންނީ ނަރަކައަށް ވަންނާނެބަޔެކެވެ.
قَالُوا۟ بَلْ أَنتُمْ لَا مَرْحَبًۢا بِكُمْ ۖ أَنتُمْ قَدَّمْتُمُوهُ لَنَا ۖ فَبِئْسَ ٱلْقَرَارُ
އެ (تبع ވީ) މީހުން ބުނާނެތެވެ. އަދި ކިއެއްތަ! ތިޔަބައިމީހުންނަކަށް ތަނަވަސްކަމެއްނެތެވެ. އެ كافر ކަން އަހުރެމެންނަށް ކުރިމަތިކޮށްދިނީ ތިޔަބައިމީހުންނެވެ. ފަހެ، އެއީ ތިބުމަށް ހާދަހާނުބައިތަނެކެވެ.
قَالُوا۟ رَبَّنَا مَن قَدَّمَ لَنَا هَٰذَا فَزِدْهُ عَذَابًۭا ضِعْفًۭا فِى ٱلنَّارِ
އެއުރެން ބުނާނެތެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންނަށް މިކަން ކުރިމަތިކޮށްދިން މީހުންނަށް ނަރަކައިގައި عذاب ދެބައި އިތުރުކުރައްވާނދޭވެ!
وَقَالُوا۟ مَا لَنَا لَا نَرَىٰ رِجَالًۭا كُنَّا نَعُدُّهُم مِّنَ ٱلْأَشْرَارِ
އަދި އެއުރެން ބުނާނެތެވެ. (ދުނިޔޭގައި) އަހަރެމެން ނުލަފާމީހުން ކަމުގައި ހިމަނައިއުޅުނު ފިރިހެނުންތައް އަހުރެމެންނަށް މިނުފެންނަނީ ކީއްވެގެންހެއްޔެވެ؟
أَتَّخَذْنَٰهُمْ سِخْرِيًّا أَمْ زَاغَتْ عَنْهُمُ ٱلْأَبْصَٰرُ
އެއުރެންނަށް ތިމަންމެން ފުރައްސާރަކޮށް އުޅުނީހެއްޔެވެ؟ ނުވަތަ އެއުރެން ފިޔަވައި ލޯތައް އެހެންފަރާތަކަށް ލެނބުނީހެއްޔެވެ؟
إِنَّ ذَٰلِكَ لَحَقٌّۭ تَخَاصُمُ أَهْلِ ٱلنَّارِ
ހަމަކަށަވަރުން، ނަރަކައިގެ أهل ވެރިންގެ އަރާރުމުގެ ވާހަކައަކީ، އެއީ حق ތެދުކަން ކަށަވަރެވެ.
قُلْ إِنَّمَآ أَنَا۠ مُنذِرٌۭ ۖ وَمَا مِنْ إِلَٰهٍ إِلَّا ٱللَّهُ ٱلْوَٰحِدُ ٱلْقَهَّارُ
ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނު ވާކަންކަށަވަރީ، إنذار ކުރައްވާ ބޭކަލަކު ކަމުގައެވެ. އަދި އެއްކައުވަންތަ، ބާރުވެރިވަންތަ اللَّه މެނުވީ އެހެން إله އަކު ނުވެއެވެ.
رَبُّ ٱلسَّمَٰوَٰتِ وَٱلْأَرْضِ وَمَا بَيْنَهُمَا ٱلْعَزِيزُ ٱلْغَفَّٰرُ
(އެއީ) އުޑުތަކާއި، ބިމާއި، އެދެމެދުގައިވާހާ ތަކެތީގެ ވެރިރަސްކަލާނގެއެވެ. عزيز ވަންތަ، ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެއެވެ.
قُلْ هُوَ نَبَؤٌا۟ عَظِيمٌ
ކަލޭގެފާނު ވިދާޅުވާށެވެ! އެއީ (އެބަހީ: قرآن އަކީ) ބޮޑުވެގެންވާ خبر އެކެވެ.
أَنتُمْ عَنْهُ مُعْرِضُونَ
ތިޔަބައިމީހުންނީ އެއިން އެއްކިބާވާ ބަޔެކެވެ.
مَا كَانَ لِىَ مِنْ عِلْمٍۭ بِٱلْمَلَإِ ٱلْأَعْلَىٰٓ إِذْ يَخْتَصِمُونَ
(آدم ގެފާނާމެދު) މަތިވެރިވެގެންވާ جماعة ގެ މެދުގައި (އެބަހީ: ملائكة ންގެ މެދުގައި) ވާހަކަ ދެކެވުނުހިނދު (وحى ގެ ذريعة އިން އެންގެވި އެއްޗެއް މެނުވީ) ތިމަންކަލޭގެފާނަކަށް އެނގިވަޑައިގެންފައެއް ނުވެތެވެ.
إِن يُوحَىٰٓ إِلَىَّ إِلَّآ أَنَّمَآ أَنَا۠ نَذِيرٌۭ مُّبِينٌ
ހަމަކަށަވަރުން، ތިމަންކަލޭގެފާނީ، ބަޔާންވެގެންހުރި، إنذار ކުރައްވާ ބޭކަލަކު ކަމުގައި މެނުވީ، ތިމަންކަލޭގެފާނަކަށް وحى އެއް ނުއިއްވަވަތެވެ.
إِذْ قَالَ رَبُّكَ لِلْمَلَٰٓئِكَةِ إِنِّى خَٰلِقٌۢ بَشَرًۭا مِّن طِينٍۢ
ކަލޭގެފާނުގެ ވެރިރަސްކަލާނގެ، ملائكة ންނަށް وحى ކުރެއްވިހިނދު ހަނދުމަކުރައްވާށެވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެ، މަށިން إنسان އަކު ހައްދަވާހުށީމެވެ.
فَإِذَا سَوَّيْتُهُۥ وَنَفَخْتُ فِيهِ مِن رُّوحِى فَقَعُوا۟ لَهُۥ سَٰجِدِينَ
ފަހެ، ތިމަންރަސްކަލާނގެ އެ إنسان އާ (އެބަހީ: آدم ގެފާނު) ހައްދަވައި ފުރިހަމަކުރައްވައި، ތިމަންރަސްކަލާނގެ روح ފުޅުން އެ إنسان އާއަށް ފުމެލައްވައިފިހިނދު، ތިޔަބައިމީހުން އޭނާއަށްޓަކައި سجدة އަށް ތިރިވާހުށިކަމެވެ!
فَسَجَدَ ٱلْمَلَٰٓئِكَةُ كُلُّهُمْ أَجْمَعُونَ
ފަހެ، ملائكة ން، އެ އެންމެން އެކުގައި سجدة ކުރައްވައިފޫއެވެ.
إِلَّآ إِبْلِيسَ ٱسْتَكْبَرَ وَكَانَ مِنَ ٱلْكَٰفِرِينَ
إبليس މެނުވީއެވެ. އެކަލޭގެ ބޮޑާވެ، كافر ވި މީހުންގެ ތެރެއިންވިއެވެ.
قَالَ يَٰٓإِبْلِيسُ مَا مَنَعَكَ أَن تَسْجُدَ لِمَا خَلَقْتُ بِيَدَىَّ ۖ أَسْتَكْبَرْتَ أَمْ كُنتَ مِنَ ٱلْعَالِينَ
އެކަލާނގެ وحى ކުރެއްވިއެވެ. އޭ إبليس އެވެ! ތިމަންރަސްކަލާނގެ يدقدرة ފުޅުން (އެއްވެސް واسط އަކާނުލައި) ހެއްދެވި މީހަކަށް سجدة ކުރުން ކަލޭގެޔަށް މަނާކުރީ ކޮންކަމެއްހެއްޔެވެ؟ ކަލޭގެ (سجدة ކުރުމަށް) ބޮޑާވެގަތީހެއްޔެވެ؟ ނުވަތަ كبر ވެރިވެގަތް މީހުންގެ ތެރެއިން ކަލޭވީހެއްޔެވެ؟
قَالَ أَنَا۠ خَيْرٌۭ مِّنْهُ ۖ خَلَقْتَنِى مِن نَّارٍۢ وَخَلَقْتَهُۥ مِن طِينٍۢ
އެކަލޭގެ ދެންނެވިއެވެ. އެކަލޭގެފާނަށްވުރެ ތިމަން، މާމޮޅެވެ. އިބަރަސްކަލާނގެ ތިމަންހެއްދެވީ އަލިފާނުންނެވެ. އަދި އިބަރަސްކަލާނގެ އެކަލޭގެފާނު ހެއްދެވީ މަށިންނެވެ.
قَالَ فَٱخْرُجْ مِنْهَا فَإِنَّكَ رَجِيمٌۭ
އެކަލާނގެ وحى ކުރެއްވިއެވެ. ފަހެ، ކަލޭއެތަނުން (އެބަހީ: ސުވަރުގެއިން) ނުކުންނާށެވެ! ފަހެ، ހަމަކަށަވަރުން، ކަލެއަކީ، رحمة ން ބޭރުކުރައްވާފައިވާ މީހެކެވެ.
وَإِنَّ عَلَيْكَ لَعْنَتِىٓ إِلَىٰ يَوْمِ ٱلدِّينِ
އަދި ހަމަކަށަވަރުން، قيامة ދުވަހަށް ދާނދެން ކަލޭގެމައްޗަށް ތިމަންރަސްކަލާނގެ لعنة ހުށްޓެވެ.
قَالَ رَبِّ فَأَنظِرْنِىٓ إِلَىٰ يَوْمِ يُبْعَثُونَ
އެކަލޭގެ ދެންނެވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! ފަހެ، އެއުރެން (އަލުން ދިރުއްވައި محشر އަށް) ފޮނުއްވާނޭ ދުވަހަށްދާނދެން ތިމަން އަޅާއަށް مهلة ދެއްވާނދޭވެ!
قَالَ فَإِنَّكَ مِنَ ٱلْمُنظَرِينَ
އެކަލާނގެ وحى ކުރެއްވިއެވެ. ފަހެ، ހަމަކަށަވަރުން، ކަލޭގެވަނީ مهلة ދެއްވާފައިވާ މީހުންގެ ތެsރެއިންނެވެ.
إِلَىٰ يَوْمِ ٱلْوَقْتِ ٱلْمَعْلُومِ
ވަގުތު ކަނޑައެޅި އެނގިގެންވާ ދުވަހަށް ދާނދެނެވެ.
قَالَ فَبِعِزَّتِكَ لَأُغْوِيَنَّهُمْ أَجْمَعِينَ
އެކަލޭގެ ދެންނެވިއެވެ. ފަހެ، އިބަރަސްކަލާނގެ عزّة ތެރިވަންތަކަން ގަންދީ ބުނަމެވެ. ހަމަކަށަވަރުން، އެއުރެންގެ އެންމެން މަގުފުރައްދާހުށީމެވެ.
إِلَّا عِبَادَكَ مِنْهُمُ ٱلْمُخْلَصِينَ
އެއުރެންކުރެ، އިބަރަސްކަލާނގެ خيار ކުރައްވާފައިވާ އަޅުން މެނުވީއެވެ.
قَالَ فَٱلْحَقُّ وَٱلْحَقَّ أَقُولُ
އެކަލާނގެ وحى ކުރެއްވިއެވެ. ފަހެ، ތިމަންރަސްކަލާނގެއީ، حق ވަންތަ ރަސްކަލާނގެއެވެ. އަދި ތިމަންރަސްކަލާނގެ وحى ކުރައްވަނީ حق ތެދެވެ.
لَأَمْلَأَنَّ جَهَنَّمَ مِنكَ وَمِمَّن تَبِعَكَ مِنْهُمْ أَجْمَعِينَ
ހަމަކަށަވަރުން، ކަލޭގެޔާއި އަދި އެއުރެންގެ ތެރެއިން ކަލޭގެޔަށް تبع ވީ ބަޔަކާއި އެ އެންމެންއަޅުއްވައި ނަރަކަ ފުރުއްވާހުށީމެވެ.
قُلْ مَآ أَسْـَٔلُكُمْ عَلَيْهِ مِنْ أَجْرٍۢ وَمَآ أَنَا۠ مِنَ ٱلْمُتَكَلِّفِينَ
ކަލޭގެފާނު ވިދާޅުވާށެވެ! އެކަމުގެ މައްޗަށް (އެބަހީ: رسول ކަން އިއްވެވުމުގެ މައްޗަށް) ތިމަންކަލޭގެފާނު އެއްވެސް އުޖޫރައެއް ތިޔަބައިމީހުންގެ ކިބަޔަކުން ނޭދެމެވެ. އަދި އަމިއްލަޔަށް ހެދިގަނެގެންއުޅޭ މީހުންގެ ތެރެޔަކުންވެސް އަހުރެން ނުވަމެވެ.
إِنْ هُوَ إِلَّا ذِكْرٌۭ لِّلْعَٰلَمِينَ
عالم ތަކަށްވާ، ހަނދާންކޮށްދިނުމެއް ކަމުގައި މެނުވީ އެ قرآن ނުވެއެވެ.
وَلَتَعْلَمُنَّ نَبَأَهُۥ بَعْدَ حِينٍۭ
ހިނދުކޮޅެއްގެފަހުން އޭގެ خبر (އެބަހީ: އެއީ ތެދުކަން) ނިކަންހުރެ ތިޔަބައިމީހުންނަށް އެނގޭހުށްޓެވެ.